
ރާއްޖޭގައި ނެޓްބޯޅަ ކުޅުން ކުރިއެރުވުމަށްޓަކައި، ލެވެލް 1 ގެ ނެޓްބޯޅަ ކޯޗިން ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިކޯހަކީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި އެވުޒާރާގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް)ގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.
މާލޭގައި ކުރިއަށްދާ މި ކޯސް އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 5 ވަނަ ދުވަހާހަމައަށް ހުޅުވިފައިވާއިރު، މިއީ ދެ ޖިންސުގެ ފަރާތްތަކަށް ވެސް ހުޅުވިފައިވާ ފުރުސަތެކެވެ.
ރާއްޖޭގައި ކުޅިވަރު ކުރިއަރުވާ، ދިވެހި ކޯޗުން ތަމްރީނުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އަމާޒުތަކުގެ ތެރޭގައި ހިމެނެއެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން، ރެފްރީންނާއި ކޯޗުން އަދި އޮފިޝަލުން ތަމްރީނުކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް އެމްއެންއައިއެސްއިން ވަނީ މިހާރުވެސް ކާމިޔާބުކަމާއެކު ހިންގާފައެވެ.
މިފަދަ ކޯސްތަކުން ތަމްރީނުވި ގިނަ ފަރާތްތަކެއް މިހާރު ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ޓެކްނިކަލް ފަރާތްތައް ތަމްރީނުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. މިގޮތުން އަތޮޅުތެރޭގައިވެސް އެކި ކުޅިވަރުތަކަށް ޚާއްސަ ގިނަ އެކަޑަމީތަކެއް ހިންގަމުން އަންނައިރު، މިތަންތަނުގައި ކުދިންނަށް އިރުޝާދުދިނުމަށް ހަރަކާތްތެރިވަމުން އަންނަނީ ރާއްޖޭގެ ކޯޗުންކަން ފާހަގަކޮށްލެވެއެވެ. މިފަދަ ކޯސްތަކަކީ ރާއްޖޭގެ ކުޅިވަރު ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނެ ކަމަށް ބެލެވެއެވެ.