2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ 7 ވަނަ ކެރަމް ވޯލްޑް ކަޕްގެ ރަސްމީ ހޯސްޓިންގ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރާ މާލެ ހޮވުމަކީ އެތަނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް އެ ހޮޓަލުން ހާމަކޮށްފިއެވެ.
މި މުބާރާތުގައި ދުނިޔޭގެ 20 އަށްވުރެ ގިނަ ގައުމުން ގާތްގަނޑަކަށް 200 ކުޅުންތެރިން ބައިވެރިވާނެއެވެ. މިއީ ބައިނަލްއަޤްވާމީ ކެރަމް ކެލަންޑަރުގައި މުހިންމު ކާމިޔާބީއެއް ކަމުގައި ބެލެވެއެވެ.
ހޯސްޓިންގ ޕާޓްނަރެއްގެ ހައިސިއްޔަތުން، ބާސެލޯ ނަސަންދުރާއިން މި މުބާރާތުގެ މެޗުތަކާއި ގުޅުންހުރި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަންތަނާއި، ބައިވެރިންނަށް ކެއިންބުއިމާއި ހުރުމުގެ އިންތިޒާމުތައް ފޯރުކޮށްދޭނެއެވެ. މީގެ ސަބަބުން ހުރިހާ ބައިވެރިންނަށް އެއްވެސް ދަތިކަމެއްނެތި މުބާރާތުގެ ތަޖުރިބާ ލިބިގެންދާނެއެވެ. މާލޭގެ މެދުތެރޭގައި އޮންނަ މި ހޮޓަލުގެ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން މިފަދަ ބޮޑު މުބާރާތެއް ބޭއްވުމަށް އެންމެ އެކަށީގެންވާ ތަނަކަށް މިތަން ވެގެންދެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާސެލޯ ނަސަންދުރާ މާލޭގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ރައުޝާން އަދި ބާސެލޯ ނަސަންދުރާ މާލޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އެންރިކް ރެއިނާ އެ ދެ ޖަމިއްޔާ ތަމްސީލުކުރައްވައި ބައިވެރިވެވަޑައިގެންނެވިއެވެ.
7 ވަނަ ކެރަމް ވޯލްޑް ކަޕްއަކީ ކުޅިވަރުގެ ފޯރިގަދަ މުބާރާތަކަށް ވެގެންދާނެ ކަމަށާއި، ބައިވެރި ގައުމުތަކުގެ ސަގާފަތްތައް ހާމަވެގެންދާނެ މުބާރާތެއް ކަމަށް ލަފާކުރެވެއެވެ. މި މުބާރާތް ކާމިޔާބު ކުރުމުގައި ބާސެލޯ ނަސަންދުރާއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.