navLogo

ޔޫރޯވިޜަން ލަވަ މުބާރާތުގައި ޔަހޫދީންނާ އެކު ބައިވެރިވާން ސްޕެއިނުން އިންކާރު ކޮއްފި!!

ޔޫރޯވިޜަން ލަވަ މުބާރާތުގައި ޔަހޫދީންނާ އެކު ބައިވެރިވާން ސްޕެއިނުން އިންކާރު ކޮއްފި!!
Redhan online
ފާތިމަތު ލައުޒާ

ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅު ހެދުމުގެ ގޮތުން، 2026 ވަނަ އަހަރުގެ ޔޫރޯވިޜަން ލަވަ ކިޔުމުގެ މުބާރާތުގައި ބައިވެރިނުވާން ސްޕެއިނުން ނިންމައިފިއެވެ. މި ނިންމުން ފާސްކޮށްފައި ވަނީ އެ ޤައުމުގެ ދައުލަތުގެ މީޑިޔާ ކަމަށްވާ އާރްޓީވީއީ (RTVE) އިންނެވެ.

އާރްޓީވީއީން ބުނީ، ކުރިއަށް އޮތް މެއި މަހު އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި ބާއްވާ ޔޫރޯވިޜަން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޒަޔަނިސްޓު އިސްރާއީލަށް ދީފި ނަމަ، ސްޕެއިނުން އެ މުބާރާތުގައި ބައިވެރިނުވާނެ ކަމުގައެވެ. މިގޮތަށް ނިންމާފައި ވަނީ ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ.

ޔަހޫދީން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 64,000 އަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއްނެތް އަންހެނުންނާއި، މަޢުސޫމު ކުޑަކުދިންގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންނެވެ. އަދި، ޒަޚަމުކޮށްލާފައިވާ މީހުންގެ އަދަދު 158,000 އަށްވުރެ މައްޗަށް އަރާފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕެއިނަކީ ޔަހޫދީ ދައުލަތަށް ޔޫރޯވިޜަން ލަވަ މުބާރާތުން ފުރުޞަތު ދޭން ނިންމައިފި ނަމަ، އެ މުބާރާތުގައި ބައިވެރިނުވާނެކަން އިޢުލާނުކޮށްފައިވާ ޔޫރަޕުގެ ފުރަތަމަ ޤައުމެއް ނޫނެވެ. މީގެ ކުރިންވެސް ބައެއް ޔޫރަޕުގެ ޤައުމުތަކުން މިފަދަ ނިންމުންތައް ނިންމާފައި ވެއެވެ. މިކަމުން ދައްކުވައިދެނީ ފަލަސްޠީނު މައްސަލައަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެމުންދާ ސަމާލުކަމާއި، ޔަހޫދީންގެ ޢުދުވާނީ ޢަމަލުތަކަށް އޮތް ނަފުރަތެވެ.

ވިލާތުގެ އެންމެ ބޮޑު ޤައުމުތަކުގެ ގޮތުގައި ބެލެވޭ ފަސް ޤައުމަކީ ސްޕެއިން، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް އަދި ފަރަންސޭސިވިލާތެވެ. ޔަހޫދީންގެ ޤަތުލުޢާންމާ ދެކޮޅު ހެދުމުގެ ގޮތުން ޔޫރޯވިޜަން ލަވަ މުބާރާތުގައި ބައިވެރިނުވުމަށް ނިންމާފައިވާ އެހެން ޤައުމުތަކުގެ ތެރޭގައި ނެދަރލެންޑްސް، ސްލޮވީނިޔާ، އައިސްލެންޑް އަދި އަޔަލެންޑް ހިމެނެއެވެ.ޔޫރޯވިޜަން ލަވަ މުބާރާތް އިންތިޒާމު ކުރަނީ، ވިލާތުގެ ޤައުމުތަކުގެ ބްރޯޑްކާސްޓިންގ ކުންފުނިތަކުގެ އިއްތިޙާދު، ޔޫރަޕިޔަން ބްރޯޑްކާސްޓިންގ ޔޫނިއަން، އީބީޔޫންނެވެ. މި އަހަރު ބާއްވާ ޔޫރޯވިޜަން ލަވަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޔަހޫދީ ދައުލަތަށް ނުދިނުމަށް ވިލާތުގެ ގިނަ ޤައުމުތަކެއްގެ އިތުރުން އެ ޤައުމުތަކުގެ ޢާންމު ރައްޔިތުން ވެސް ދަނީ އީބީޔޫއަށް ބާރު އަޅަމުންނެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356