ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ މެހެމާނުން ޢަމަލުކުރާނެ ޚާއްސަ އުސޫލެއް އެކުލަވާލައި، އެ އުސޫލާއި ޚިލާފު ވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ޤަވާއިދުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ. މިކަން މަޖިލީހުގެ ރިޔާސަތުން ހާމަކުރެއްވީ، ދައުރުން ބޭރުން މީޑިއާ ރެގިއުލޭޝަން ބިލު ފާސްކުރުމަށް ބޭއްވި ޖަލްސާ ނިންމަވާލައްވަމުންނެވެ.
މި ނިންމުން ނިންމާފައިވަނީ، "މޯލްޑިވްސް މިޑިއާ އެންޑް ބޮރޯޑްކާސްޓިންގ ރެގިއުލޭޝަން" ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީގައި ދިރާސާކޮށް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ހިނގި ބައެއް ކަންތައްތަކާ ގުޅިގެންނެވެ. ކޮމިޓީގެ މަސައްކަތް ސިއްރުކޮށް ކުރިއަށް ގެންދިޔައިރު، ކޮމެޓީއަށް ހާޒިރުވި ބައެއް މީޑިއާތަކަށް ނިސްބަތްވާ ފަރާތްތަކުން ވަނީ ބިލު ކޮމެޓީން ފާސްކުރުމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އިހުތިޖާޖުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން، މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ކޮމެޓީގެ މަސައްކަތަށް ހުރަސް އެޅޭގޮތަށާއި، މަޖިލީހުގެ ކަރާމާތަށް އަންނަ އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކޮމެޓީ އަޑުއެހުމުގެ ފުރުސަތު ދިން ފަރާތްތަކުން ޢަމަލުކޮށްފައިވާ ކަމަށެވެ.
ނައިބު ރައީސް ނާޒިމް އިތުރަށް ވިދާޅުވީ، މިކަމާ ގުޅޭ ރިޕޯޓެއް މަޖިލީހުގެ ސާޖެންޓް އޮފް އާމްސް ރިޔާސަތަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ އިތުރަށް ބެލުމަށްޓަކައި އާންމު ކޮމެޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށާއި، މަޖިލީހުގެ މަސައްކަތްތައް ހަމަޖެހިގެން ކުރިއަށް ގެންދިއުމަށްޓަކައި، މެހެމާނުން ޢަމަލުކުރާނެ އުސޫލުތައް އެކުލަވާލައި ޤަވާއިދުގައި ހިމެނުމަކީ މުހިންމު ކަމެއްގެ ގޮތުގައި މަޖިލީހުން ދެކެއެވެ.
"އެއީ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެ ގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާހުކުރުމަށާއި، މަޖިލީހުގެ މެހެމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން ޢަމަލުކުރާނެ އުސޫލުތަށް ކަނޑައަޅައި، އެކަންކަމަށް ހާޒިރުވާ ފަރާތްތަކުން ޚިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ޤަވާއިދުގައި ބަޔާން ކުރުމަށް ދެވޭ އިރުޝާދެއް" މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.މީގެ އިތުރުން ކޮމެޓީގެ ބައްދަލުވުން ކުރިއަށް ދިޔައިރު، މަޖިލީހުގެ ދެ މެންބަރެއްގެ ދެމެދު ހަމަ ނުޖެހުންތަކެއް ހިންގައި ކޮމެޓީގައި ބެހެއްޓިފައިވާ މަޖިލީހުގެ ސައުންޑް ސިސްޓަމުގެ ބައިތަކަށް ގެއްލުން ލިބިފައިވާތީ، އެ މައްސަލަ މަޖިލީހުގެ ސުލޫކީ ކޮމެޓީއަށް ފޮނުވަން ނިންމާފައިވާކަން މަޖިލީހުގެ ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.މިޑީއާ ރެގިއުލޭޝަންގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު މަޖިލީހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި، ބައެއް މީޑިއާތައް ހިމެނޭހެން އިހުތިޖާޖުކޮށްފައިވެއެވެ. ނަމަވެސް މިޑީއާ ރެގިއުލޭޝަން ބިލުގެ މަސައްކަތް ނިންމާ މިހާރު ވަނީ ބިލު ފާސްކޮށްފައެވެ.