navLogo

ޓީޓީއެމްގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި

ޓީޓީއެމްގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި
Redhan
ފާތިމަތު ލައުޒާ

ރާއްޖޭގެ އެންމެ ބޮޑު އެއް އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސުން، ޓީޓީއެމް މޯލްޑިވްސް 2025 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި ބައިވެރިވެ، ޓީޓީއެމް އެވޯޑްސް އެންޑް ގާލާ އަދި ޓީޓީއެމް ކަނެކްޓް މީޓިން ބޭއްވުމަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މި ޕާޓްނަރޝިޕްގެ ދަށުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފަ އެވެ.

ޓީޓީއެމް އެވޯޑްސް އެންޑް ގާލާ 2025 ބޭއްވުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، އަދާރަން ސިލެކްޓް ހުދުރަން ފުށީގަ އެވެ. މި ހަފްލާގައި ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާއިން 28 އެވޯޑް ކެޓަގަރީއަކުން އެވޯޑު ދިނުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވެ އެވެ. ދުނިޔޭގެ ޓޫރިޒަމްގެ މުހިންމު މަންޒިލަކަށް ރާއްޖެ ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތައް ފާހަގަކޮށް، ބެސްޓް ބީޗް ރިސޯޓްސް އިން ފެށިގެން ޓީޓީއެމް ޓޮޕް ޕްރޮޑިއުސަރުންނާ ހަމައަށް، އެފަރާތްތަކަށް ވަނީ އެވޯޑު ދީފަ އެވެ.

އެ ރަސްމިއްޔާތުގައި އެލައިޑުގެ ޗީފް އަންޑާރައިޓިން އޮފިސަރު، އިއުލިއާނާ ރުސޭ ވަނީ އެވޯޑު ލިބުނު ބައެއް ފަރާތްތަކަށް އެވޯޑު ދެއްވާފަ އެވެ. ޓީޓީއެމް އެވޯޑްސް އެންޑް ގާލާ އަކީ، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްފަރާތްތަކާއި، ބައިނަލްއަގުވާމީ ޕާޓްނަރުންނާއި، ހޮޓެލިއަރުން އެއްތަނަކަށް ގެނެސް، އެ ފަރާތްތައް ފާހަގަކޮށް، ސަގާފީ ހުށަހެޅުންތަކާ އެކު އެފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ ހާއްސަ ހަފްލާއެކެވެ.

ޓީޓީއެމް ގާލާގެ އިތުރުން، މި އަހަރުވެސް ޓީޓީއެމް ކަނެކްޓް މީޓިން ބޭއްވިފައިވެ އެވެ. މި މީޓިން އޮތީ މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި މި މީޓިންގައި ޓީޓީއެމް ކަނެކްޓް ޕޯޓަލް މެދުވެރިކޮށް 500 އަށްވުރެ ގިނަ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާއި 100 އަށް ވުރެ ގިނަ ހޮޓެލިއަރުން ވަނީ ބައިވެރިވެފަ އެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ގުޅުންތައް ބަދަހިކޮށް، އާ ކުރުތާސްތައް ފަހިކުރުމަށް ވަރަށް މުހިންމު ފުރުސަތެކެވެ.

ޕްރީ ޝެޑިއުލްކޮށް ޓީޓީއެމް ކަނެކްޓް މެދުވެރިކޮށް 3000އެއްހާ މީޓިން ބާއްވާފައި ވާއިރު، އެ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލް އިތުރަށް ހަރުދަނާކުރުމަށާއި، ވިޔަފާރި ކުރިއެރުވުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލް ހަރުދަނާކުރުމަށް ތަފާތު ފުރުސަތުތަކެއް ލިބިގެންގޮސްފައިވާކަން ޓީޓީއެމްގެ ޓީމުން ފާހަގަކުރެ އެވެ.

ޓީޓީއެމް 2025 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރުގެ ހައިސިއްޔަތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑު ހަރަކާތްތެއްގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިބުނު ބޮޑު ފަހުރެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެ އެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356