ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ، ފްރާންސްގެ އޮލިމްޕިކް މާސޭ އާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. މި މެޗު ކުޅެފައިވަނީ މެޑްރިޑްގައި ހުންނަ ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑު، ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައެވެ.
މެޗުގެ ތިންވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި ޑެނީ ކަރްވަހާލް ވަނީ ކުޅެން އަރުވާފައެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 22 ވަނަ މިނިޓުގައި މާސޭގެ ޓިމޮތީ ވެއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. މި ލަނޑަކީ ރެއާލް މެޑްރިޑްގެ އާޑާ ގުލާ އަތުން ބޯޅަ ހޯދުމަށްފަހު މޭސަން ގްރީންވުޑް ދިން ރީތި ބޯޅަ، ކީޕަރު ކޯޓުއާ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވެއާ ކާމިޔާބުކުރި ލަނޑެކެވެ.
ނަމަވެސް އޭގެ ހަ މިނިޓު ފަހުން ރެއާލް މެޑްރިޑްއަށް ވަނީ ނަތީޖާ އެއްވަރުކުރުމުގެ ފުރުސަތު ލިބިފައެވެ. ރެއާލް މެޑްރިޑްގެ ރޮޑްރިގޯ އަށް އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި މާސޭގެ ގޯލުކީޕަރަށް ހަމަލާ ދިނުމަކާ ގުޅިގެން ރެއާލް މެޑްރިޑްގެ ޑެނީ ކަރްވަހާލް އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ހާދިސާއާ ގުޅިގެން މެޗުގެ ފަހު 18 މިނިޓު އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ރެއާލް މެޑްރިޑްއިން އިތުރު ލަނޑެއް ޖަހާ 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީއެވެ.
ޗެމްޕިއަންސް ލީގު 15 ފަހަރު މަތިން ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑް މި މެޗުން މޮޅުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީ އިން ކިލިއަން އެމްބާޕޭ އެވެ. މި ޕެނަލްޓީ އަކީ ވިނިޝިއަސް ޖޫނިއަރ ނަގައިދިން ހުރަހެއްގައި އޭރިޔާ ތެރޭގައި ހުރެ މާސޭގެ ފަކުންޑޯ މެޑީނާ ބޯޅައިގައި އަތްލުމުގެ ސަބަބުން ރެފްރީ ދީފައިވާ ޕެނަލްޓީ އެކެވެ.މި މެޗުގައި އެމްބާޕޭ ޖެހި ދެ ލަނޑާއެކު މި ސީޒަނުގައި އޭނާ ކުޅުނު ފަސް މެޗުގައި ޖެހި ލަނޑުގެ އަދަދު ވަނީ ހަޔަކަށް އަރާފަ އެވެ.