
ލާޙް ޕްރީސްކޫލުގެ 199 ދަރިވަރުން އިއްޔެ، އެމްއެންޑީއެފް މާލޭ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށް، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ހޯދާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ޒިޔާރަތުގެ ބޭނުމަކީ ކުޑަކުދިންގެ މެދުގައި އަލިފާނުގެ ރައްކާތެރިކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމެވެ.
އެމްއެންޑީއެފުން ދިން މަޢުލޫމާތުގައިވާ ގޮތުން، މި ޒިޔާރަތުގެ ތެރެއިން ދަރިވަރުންނަށްވަނީ އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، މިފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައެވެ. މީގެ އިތުރުން، އަލިފާން ނިއްވުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކާއި އެ އާލާތްތައް މަސައްކަތްކުރާގޮތް ވެސް ވަނީ ދަރިވަރުންނަށް ސާފުކޮށްދީފައެވެ.
މި ޒިޔާރަތުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އެމްއެންޑީއެފް މާލޭ ފަޔަރ ސްޓޭޝަނުގެ ތަޖުރިބާކާރު ފަޔަރފައިޓަރުންނެވެ. މިފަދަ ޕްރޮގްރާމްތަކަކީ ކުޑަކުދިންނަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި އެނގުން މުހިންމު މަޢުލޫމާތުތައް ދިނުމަށްޓަކައި އެމްއެންޑީއެފް ފަޔަރ ސަރވިސްއިން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.