navLogo

އިމިގްރޭޝަނުގެ 70 ވަޒީފާއަށް 600 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި!

އިމިގްރޭޝަނުގެ 70 ވަޒީފާއަށް 600 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި!
immigration
މަރިޔަމް

މޯލްޑިވްސް އިމިގްރޭޝަނުން 70 އޮފިސަރުން ހޯދުމަށް ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަވިއުގައި 600 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ. އިމިގްރޭޝަނުން ބުނީ، އޮފިސަރ ޓްރެއިނީން ހޯދަން ޞަލާޙުއްދީން ސްކޫލްގައި މިއަދު ކުރިއަށްގެންދިޔަ މި އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

އިމިގްރޭޝަނުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މަދު ގަޑިއިރުތަކެއްގެ ތެރޭގައި 500އަށް ވުރެ ގިނަ މީހުން ބައިވެރިވިކަމަށާއި، ވޯކް-އިން އިންޓަވިއު ނިމުނުއިރު ޖުމްލަ 670 މީހުން ބައިވެރިވެފައި ވެއެވެ. މިކަމުން ދައްކުވައިދެނީ ޤައުމީ އިދާރާތަކުން ހުޅުވާލާ ވަޒީފާގެ ފުރުޞަތުތަކަށް ޒުވާނުންގެ ފަރާތުން ލިބޭ ތަރުހީބު ބޮޑުކަމެވެ.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިންނެވެ. އިންޓަވިއުއަށްފަހު، މުވައްޒަފުން ހޮވުމަށް އިމްތިޙާނު އޮންނާނީ މި މަހުގެ 4 އާއި 8އާ ދެމެދުގެ ދުވަހެއްގައިކަމަށް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.

އިމިގްރޭޝަން އޮފިސަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެއާޕޯޓުގެ ބޯޑަރ ކޮންޓްރޯލްގެ މަސައްކަތްތަކާއި، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ޚިދުމަތްދިނުން ހިމެނެއެވެ. މީގެ އިތުރުން، ސީޕޯޓް ސެކްޝަނާއި، ވިޒާ ސެކްޝަންގެ މަސައްކަތްތައްވެސް މި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރަންޖެހެއެވެ.

މި މަޤާމުގެ މުސާރަ އަކީ މަހަކު -/6500 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި -/1500 ރުފިޔާ ލިބޭއިރު، ބޭސިކް ޓްރޭނިންގ ފުރިހަމަކުރުމުން މުސާރައިގެ %35 ސްޕެޝަލް ސަރވިސް އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ.

މި މަޤާމަށް ހޮވޭ މުވައްޒަފުން އެންމެ ގިނަވެގެން ބެހެއްޓޭނީ 8 މަސްދުވަހަށެވެ. މި މުއްދަތުގެ ތެރޭގައި ބޭސިކް ޓްރެއިނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް، ސީ.އެސް 3-1 އިން ސީ.އެސް 6-1 އާ ދެމެދުގެ ޝަރުތު ހަމަވާ ރޭންކެއްގެ ފުރަތަމަ ގްރޭޑަށް ކުރިއެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް، މި މުއްދަތުގައި ބޭސިކް ޓްރެއިނިންގ ފުރިހަމަ ނުވާ ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.

ޤައުމީ އިދާރާތަކަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ މެއި މަހު އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން ބޭއްވި ވޯކް-އިން އިންޓަވިއުއަށް 800 އަށްވުރެ ގިނަ މީހުން ވަނީ ހާޒިރުވެފައެވެ. މިފަހަރުވެސް ގިނަ އަދަދެއްގެ ޒުވާނުން މި ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް ލަފާކުރެވެއެވެ.

Rate this article

Leave a Comment

Comments (0)