ދިވެހިރާއްޖޭގެ ކުރިއަށް އޮތް 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމަށް "ކުރިމަގު ސައްލާ" ގެ ނަމުގައި ބާއްވާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ސިލްސިލާގެ ފުރަތަމަ ބައްދަލުވުން މިއަދު ހއ.ހޯރަފުށީގައި ފަށައިފިއެވެ. މި ބައްދަލުވުން ކުރިއަށްދަނީ ހޯރަފުށީ އަތޮޅު މަދަރުސާގައެވެ.
"ވިލުންތެރި ރާއްޖެ 2045" ގެ ޓީމުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ސައްލާ އަކީ، ކުރިއަށް އޮތް 20 އަހަރަށް ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީއާއި، ރައްޔިތުން އެ ތަރައްޤީ ތަޞައްވުރު ކުރާ ގޮތް ހޯދުމަށް ކުރިއަށްގެންދާ ރަށު ބައްދަލުވުންތަކެކެވެ. މި މަސައްކަތް ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދިއުމަށް 10 ޓީމެއް ހަރަކާތްތެރިވާނެކަމަށް ވިލުންތެރި ރާއްޖެ ޓީމުން މަޢުލޫމާތުދެއެވެ.
ތިލަދުންމަތީގައި މިއަދު ފެށި މި ސައްލާތައް މިމަހުގެ ނިޔަލަށް ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރީގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފައެވެ. މި ސައްލާތަކުގެ އަޖުމަބެލުމުގެ ބައެއް ބައްދަލުވުންތައް މިދިޔަ ދުވަސްތަކުގައި މާލެ އަތޮޅުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.
"ކުރިމަގު ސައްލާ" ބައްދަލުވުންތަކަކީ ރަށުގެ ކުދިބޮޑު ހުރިހާ ރައްޔިތުންގެ ބައިވެރިވުން ހިމެނޭހެން، އަދި ހުރިހާ ދާއިރާއަކަށް ދައުވަތު އަރުވައިގެން ކުރިއަށް ގެންދާ ބައްދަލުވުންތަކެކެވެ. ކޮންމެ ރަށެއްގައިވެސް މި ބައްދަލުވުން އޮންނާނެ ދުވަހާއި ތަނާއި ގަޑީގެ ތަފްޞީލްތައް އެރަށެއްގެ ކައުންސިލްގެ ފަރާތުންނާއި، ވިލުންތެރި ރާއްޖެ ޓީމުން އިޢުލާނުކުރާނެކަމަށް އެޓީމުން ވިދާޅުވެއެވެ.
މި ސައްލާތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށްޓަކައި، ރައްޔިތުންގެ ޚިޔާލުތަކާއި ހުށަހެޅުންތައް އެއްކޮށް، ގުޅިފައިވާ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމެވެ.
މިމަޝްރޫޢުގައި ހިމެނުމަށް ބޭނުންވާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރަން ފަށާ މި ދަތުރުތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވިލުންތެރި ރާއްޖެ ޓީމުތަކުން ދަތުރުކުރުމަށް ވަނީ ރާވާފައެވެ. މި މަސައްކަތުގައި އަތޮޅުތަކުގައި 10 ޓީމު ހަރަކާތްތެރިވާނެއެވެ.އަދި މިބައްދަލުކުރުންތަކުގައި ބައިވެރިވެ މަޝްވަރާތަކުގައި ބައިވެރިވުމަށް ރަށު އަދި އަތޮޅު ކައުންސިލްތަކަށާއި, ރަށުގައި ޤާއިމްކޮށްފައިވާ ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، އާންމު ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ފުރުޞަތު އޮންނާނެއެވެ.ބައްދަލުވުންތައް އަންނަ މަހުގެ ތެރޭގައި ނިންމާލުމަކީ ވިލުންތެރި ރާއްޖެ ޓީމުގެ ޢަމާޒެކެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ރައީސް އޮފީހާއި، ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ގުޅިގެން، އަމިއްލަ ކޮންސަލްޓަންސީ ފާމަކާ ހަވާލުކޮށްގެންނެވެ. އެޓީމުން ހާމަކޮށްފައިވާގޮތުގައި މިޕްލޭންގެ މަޢުލޫމާތު އެއްކޮށް ނިމި، އަންނަ ޖެނުއަރީ މަހު ޕްލޭން ލޯންޗް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޕްލޭނަށް އާއްމުންގެ ރުހުން ހޯދުމުގެ ބައެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މުޅި ޕްލޭންގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރެއަށް ނިންމާނެއެވެ