
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އަލުން އިއާދަކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި އެވެ. މިގޮތަށް އެ ޕާޓީ އަލުން އިއާދަކުރީ، އެ ޕާޓީ އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިދިޔަ މަހު ކުރި ހުކުމަކާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން (އީސީ) އެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އަލުން ހިމަނާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ލޭބާ ޕާޓީ އުވާލުމަށް އީސީން މީގެ ތިން އަހަރު ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ވާޖިބު ކުރާ 3000 މެންބަރުން ހަމަކުރުމަށް އެ ޕާޓީއަށް ތިން މަސް ދުވަސް ދިނުމަށް ފަހު، އެ މުއްދަތު ހަމަވިއިރުވެސް 3000 މެންބަރުން އެ ޕާޓީއަށް ހަމަނުވާތީ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ ލޭބާ ޕާޓީ އުވާލާފައިވަނީ 2023 ވަނަ އަހަރުގައެވެ. އެ ޕާޓީ އުވާލި އިރު، އެ ޕާޓީގައި ތިބީ 2556 މެންބަރުންނެވެ.
އީސީން ޕާޓީ އުވާލީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ލޭބާ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމިފައިވަނީ މިދިޔަ މަހުއެވެ. އެ މައްސަލަ ބެލުމަށްފަހު، ކޯޓުންވެސް ނިންމީ ޕާޓީ އުވާލީ ގާނޫނާ ހިލާފަށް ކަމަށެވެ. ކޯޓު ހުކުމާ އެކު ލޭބާ ޕާޓީ އަލުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވާއިރު، އެ ޕާޓީގައި މިހާރު ތިބީ 1874 މެންބަރުންނެވެ.