-1762080055671.webp)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެމްބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށް ނިންމަވައިފިއެވެ. މީގެ އިތުރުން، ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ބޭފުޅުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 9 ޖަހާއިރު، ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ޙަމަލާގައި ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ، ބޭރުގެ ނިރުބަވެރި ބަޔަކު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއިން ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. ދިވެހި 6 ޚާއިނުން، ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން އެ ޙަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ. މި ޝަހީދުންގެ ތެރޭގައި ސިފައިންގެ 8 ބޭފުޅުންނާއި، ޢާންމުންގެ 11 ބޭފުޅުން ހިމެނެއެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. މީގެ އިތުރުން، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންވެސް މިޖަލްސާގައި ވާހަކަފުޅު ދައްކަވާނެއެވެ.