
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެޅި އެންމެ ވަރުގަދަ ފިޔަވަޅު ކަމުގައިވާ "ޖެނެރޭޝަން ބޭން" ތަންފީޒު ކުރަން ފަށައިފިއެވެ.
މިއީ 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް މަޖިލީހަށް ހުށަހަޅައި، މި އަަހަރުގެ މެއި މަހުގެ 13 ގައި މަޖިލިހުން ފާސްކުރި ބިލެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބިލް މިދިޔަ މެއި މަހުގެ 21 ގައި ތަސްދީގު ކުރެއްވިއިރު، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އެންމެންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެކެވެ.
އަދި ދުންފަތުގެ ބާވަތްތައް ވިއްކޭނީ ހަމައެކަނި ލައިސަންސް އޮތް ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނުގައެވެ. އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިންތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ވާނެއެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުން މަނާކޮށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތީ ރާއްޖޭގައި ޒަމާނުއްސުރެ ހައްލު ނުލިބި ހުރި އެތައް މައްސަލަތަކަކަށް ވަށާޖެހޭ ހައްލުތަކެއް ހޯއްދަވައިދެއްވުމުގެ ވަރުގަދަ އަޒުމުގައެވެ. ޒަމާންތަކެއް ވަންދެން ދިވެހި މުޖްތަމަޢުގައި މޫލާފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަކީ އުނދަގޫފުޅު މަސައްކަތަށްކަށްވީނަމަވެސް އެމަނިކުފާނުގެ ހިތްވަރުގަދަކަމާއި ކެރިވެވަޑައިގަންނަ ޝަހުސިއްޔަތުގެ ސަބަބުން އެ މައްސަލަތަކަށް ހައްލު ހޯއްދެވުންވީ އުނގަދޫފުޅު މަސައްކަތަކަށް ނޫނެވެ.
ދިވެހިންގެ ސިއްހަތާއި ދުޅަހެޔޮކަމާއި ގުޅިފައިވާ ދުންފަތުގެ މައްސަލައަށްވެސް ހައްލު ހޯއްދެވުމަށް މީގެކުރިން އެކި ވެރީންގެ ޒަޢާމަތުގައިވެސް މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ނަމަވެސް އެކި ފަހަރު މަތިން ސިނގިރޭޓުގެ އަގު ކޮންމެވެސް މިންވަރަކަށް އުފުލާލުމުގެ ގޮތުން އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ފިޔަވައި އިތުރު ކަމެއް ކޮށްފައެއް ނެތެެވެ.
ރާއްޖޭގެ އާބާދީއަކީ 515,132 އެވެ. އެ އާބަދީގެ ތެރެއިން 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައި ތިބި، މަރުވެފައި ތިބި މީހުން އުނިކޮށްފައި ބަލާއިރު އަދަދަކީ 124،002 މީހުންނެވެ. އެއީ ރާއްޖޭގެ އާބާދީގެ %30 މީހުންނެވެ.
މިއަދުން ފެށިގެން ޖެނަރޭޝަނަލް ބޭންއަށް އަމަލުކުރަން ފެށިގެންދިޔައިރު މިއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ރާއްޖެއިން މިހާތަނަށް އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ.