
ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ފިނިހޫނުމިން މާ ބޮޑަށް ދަށްކޮށްފައި ހުންނަ ކަމަށް ވިދާޅުވެ، މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެ މަނިކުފާނު މިކަން ފާހަގަކުރެއްވީ، އެއާޕޯޓުގައި ބޮޑު އިސްރާފެއް ހިނގާ ކަމަށް ވިދާޅުވަމުންނެވެ.
އެ މަނިކުފާނު އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއާޕޯޓުގެ ފިނިހޫނުމިން 15 ޑިގްރީ ސެލްސިއަސްގައި ހުންނަ ކަމަށެވެ. އެއީ މާ ބޮޑަށް ފިނިވެފައި، އިސްރާފު ބޮޑު ގޮތެއް ކަމަށް ނަޝީދު ސިފަކުރެއްވިއެވެ. އެކަން ރަނގަޅު ކުރުމަށްޓަކައި، އެއާޕޯޓުގެ ފިނިހޫނުމިން 20 އާއި 25 ޑިގްރީ ސެލްސިއަސްއާ ދެމެދު ބެހެއްޓުމަކީ ރަނގަޅު ގޮތެއް ކަމަށް ވެސް ނަޝީދު ހުށަހެޅުއްވިއެވެ.
ނަޝީދުގެ މި ޕޯސްޓަށް ގިނަ ބައެއްގެ ތާއީދު ލިބިފައިވާއިރު، ބައެއް ކޮމެންޓުތަކުގައި ވެސް ވަނީ، އެއާޕޯޓުގައި މާ ބޮޑަށް ފިނި ގަދަ ކަމަށް ބުނެ، އޭގެ ސަބަބުން ކަރަންޓު ޚަރަދު ބޮޑުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މަސްއަލަ އަށް ބަހުސް ކުރެވެމުން އަންނައިރު، ވީއައިއޭގެ އާ ޓާމިނަލް ހުޅުވާފައި ވަނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހެވެ.
ޒަމާނީ ގިނަ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ މި އާ ޓާމިނަލްގެ ކެޕޭސިޓީއަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމެވެ.